Tuesday, May 5, 2015


ހަތަރުވަނަ ހަރަކާތް

 

ތިރީގައިމިވާ ލިއުން އުނގަންނައިދިނުމުގެ ތަފާތު ޙާލަތްތަކުގައި ބޭނުންކުރެވިދާނެއެވެ.

  • ގްރޭޑް 10ގެ އިސްލާމް ފިޤްހުގެ ބައިން ވަރި އާއި އޭގެ ޙޫކުމް ކިޔަވައިދިނުމުގައި

  • ޘާނަވީ ގްރޭޑްތަކަށް ދިވެހި ދޭހައެއްގެ ގޮތުގައި

  • ޘާނަވީ ގްރޭޑްތަކަށް މަޒުމޫނު ލިއުމަށް މަޢުލޫމާތު ހޯދުމުގައި

 

الطلاق ވަރި

 

ވަރި ނުވަތަ الطلاقގެ ލުޣަވީ މާނައަކީ :

الطلاق ގެ މާނައަކީ ފޮނުވާލުން ނުވަތަ ދޫކޮށްލުމެވެ. ހައްޔަރުކޮށްފައިވާ މީހަކު ދޫކޮށްލުން މިސާލަކަށް ބުނެވިދާނެއެވެ.

ވަރީގެ އިޞްތިލާޙީ މާނަ :

ވަރިއަކީ ކައިވެނީގެ ގުޅުން ކަނޑާލުން ނުވަތަ ކައިވެނީގެ ގުޅުމުން ވަކިވުން ނުވަތަ އެއީ ވަރިކުރުމުގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކުގެ ތެރެއިން ލަފުޒަކުން ކައިވެނީގެ ގޮށް މޮހާލުމެވެ.

ވަރީގެ ޙިކުމަތް

ވަރި ކުރުމުގެ ބާރަކީ ފިރިމީހާ އަށް ލިބިފައިވާ ބާރެއް ކަމުގައިވިޔަސް ފިރިމީހާ ހިތްއެދޭހާ ގޮތަކަށް މި ބާރުގެ ބޭނުމެއް ނުކުރެވޭނެ އެވެ. 'ވަރި' މި ލަފުޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ނުނެގޭނެއެވެ. ވަރި އަކީ ދެމަފިރިން ރުޅިއަންނަ ކޮންމެ ވަގުތަކު ކުރުމަށް އޮންނަ އެއްޗެއް ނޫނެވެ. އަދި އެހެން އަންހެނެއްގެ ކިބައިން ޝަހުވާނީ އެދުމެއް ފުއްދުމަށްޓަކައި ކުރުމަށް އޮންނަ ކަމެއް ވެސް ނޫނެވެ. ނަމަވެސް ދެމަފިރިން ދެމެދުގައި މައްސަލަތައް ޖެހުން ގިނަވެ، އެ މައްސަލަތައް ހައްލުކުރުމަށް އެޅޭ އެންމެ ފަހު ފިޔަވަޅު ކަމަށްވާ ދެފަރާތުގެ ދެޙަކަމުން (ދީންވެރި، ބުއްދިވެރި، ޤާބިލު) ގެ ނަސޭހަތް ދިނުމަށްފަހުގައި ވެސް މައްސަލަ ހައްލު ނުވެއްޖެނަމަ ވަރި ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެހެނީ ވަރިވުމުގެ ސަބަބުން އެދެމަފިރީންނަށް އެ ހިތްދަތި ދިރިއުޅުމުން ސަލާމަތްވެވި، އުފާވެރި ދިރިއުޅުމެއް ހޯދުމުގެ މަގު ތަނަވަސް ވެގެން ދެއެވެ.

ވަރީގެ ޙުކުމް

ފިޤުހު ޢިލްމިވެރިންގެ ތެރޭގައި ވަރީގެ ޙުކުމާއި ބެހޭގޮތުން ޚިޔާލު ތަފާތުވެއެވެ. މިގޮތަށް ފެންނަ ތަފާތު ގޮތްތަކުގެ ތެރެއިން އެންމެ ރަގަޅު ގޮތަކީ ކޮންމެހެން ބޭނުންވާ ހިނދެއްގައި ނޫނީ ވަރިނުކުރުން އެއީ ހަނަފީންނާއި ހަންބަލީން ދެކެލައްވާ ގޮތެވެ.

      މިގޮތުން ޙަންބަލީ މަޒުހަބުގައި ބަޔާންކުރައްވާފައިވާ ޙުކުމްތަކަކީ : ވަރިވާޖިބުވާ ހަމަތަކާއި ވަރި ޙަރާމްވާ ހާލަތާއި އަދި ސުންނަތް ވަރީގެ ޙާލަތެވެ.

  • ވާޖިބުވަރި

އަނބީމީހާއާއި ފިރިމީހާގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެ މީހުން ސުލްހަ ކުރުމަށް އޮންނަ އެންމެ ފަހު ގޮތަކީ ދެމަފިރިންގެ ދެޢާއިލާގެ ދެހަކަމުން މެދުވެރިކޮށް އެދެމީހުންނަށް ނަސޭހަތްރިވުން ކަމަށް ވެފައި، ދެހަކަމުންގެ ނަސޭހަތަށް ފަހުގައި ވެސް ދެމަފިރިންނަށް އެކުގައި ދިރިއުޅެވޭނަމަ ވަރިކުރުން ވާޖިބުވެއެވެ.    

  • ޙަރާމްވަރި
       މާތްﷲ ޙަލާލު ކުރައްވައިފައި ކަންތައްތަކުގެ ތެރެއިން މާތްﷲ އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރި ކަމަށްވެފައި، ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެނީސް، އެއްވެސް ކަމަކާއި ނުލައި އަނބިމީހާ ވަރިކުރުމަކީ އަނބިމީހާއަށް ދެވޭ ގެއްލުމެކެވެ. މިގޮތަށް ވަރިކުރުމަކީ ދެމީހުންގެ މަސްލަހަތަށް ބަލާއިރު ވެސް ގޯސްގޮތެކެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. "لاضررولاضرار" މާނައީ " މީހަކަށް ގެއްލުމެއް ދިނުމެއް ނުވެއެވެ. އަދި އެހެންމީހެއްގެ ފުށުން ގެއްލުމެއް ފޯރައިގެންނުވެއެވެ. " އެހެންކަމުން ދެމަފިރިންގެ ދެމެދު އެއްވެސް މައްސަލަ އެއް ނުޖެހެނީސް އަނބިމީހާ ވަރި ކުރުމަކީ ޙަރާމް ކަމެކެވެ.
  • ހުއްދަވަރި

އަނބިމީހާ ނުކިޔަމަންތެރިވެ އަޚްލާޤް ގޯސްވުމުގެ ސަބަބުން އަދި ދިރިއުޅުމުގައި މިފަދަ މައްސަލަތައް ދެމީހުންގެ މެދުގައި ޖެހޭކަމަށްވާނަމަ ވަރިކުރުން ހުއްދައެވެ.

  • ސުންނަތް ނުވަތަ މަންދޫބު ވަރި

އަނބިމީހާ ފިރިމިހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް އަދި މާތް ﷲ ގެ ޙައްޤުގައި އަދާކުރަންޖެހޭ އަޅުކަންތައްތައް ދޫކޮށް އަދި އަނބިމީހާ އިއްފަތްތެރި ނުވާނަމަ ވަރިކުރުން ސުންނަތްވެގެން ވެއެވެ.

ވަރިކުރެވިދާނެ ގޮތްތައް

ކައިވެނީގެ ގޮށް މޮހާލުމަށްޓަކައި ވަރި ކުރެވޭނީ ތިން ގޮތަކަށެވެ. އެއީ ބުނާލަފުޒަކުން ނުވަތަ ލިޔާލިޔުމަކުން ނުވަތަ ކުރާ ޢިޝާރާތަކުންނެވެ. 

  1. ބުނާލަފުޒަކުން:

ލަފުޒުން ވަރި ކުރުމުގައި ދެގޮތަކަށް ވަރި ކުރެވެއެވެ. އެއީ ޞަރީޙަ ޢިބާރާތުން ވަރި ކުރުމާއި ކިނާޔަތުގެ ޢިބާރާތުން ވަރި ކުރުމެވެ. ޞަރީޙަ ޢިބާރާތުން ވަރި ކުރުމާކީ ވަރި ނޫން އެހެން އެއްވެސް މާނައެއް ދޭހަނުވާ ލަފުޒުން ވަރި ކުރުމެވެ. މިސާލަކަށް ތިހިރީ ވަރިކޮށްފަ! ނޫނީ ތިޔައީ މަގޭ އަނތްބެއްނޫން! މިފަދަ ކޮންމެ ޢިބާރާތެއް ބުނާއިރު އަނބިމީހާ ވަރިކުރުމުގެ މާނައެއްގައި ބުނުމުން ވާނީ ވަރިއަކަށެވެ. ކިނާޔަތުގެ ޢިބާރާތުން ވަރި ކުރުމަކީ ވަރި ނޫން އެހެން މާނަވެސް ދޭހަވާ ލަފުޒު ތަކުން ވަރި ކުރުމެވެ. މި ފަދަ ލަފުޒެއް ފިރިމީހާ ބޭނުން ކޮށްފިނަމަ، ފިރިމީހާ އެލަފުޒު ބޭނުން ކުރީ ކޮން ނިޔަތެއްގަތޯ ބަލަން ޖެހޭނެ އެވެ. އޭނާ އެލަފުޒު ބެނުން ކުރީ ވަރި ކުރުމުގެ މަނާއިގައި ކަމުގައި ވާނަމަ ވަރި ވާނެއެވެ. މިސާލަކަށް "ތިޔައީ ފުރިހަމަ މިނިވަނެކޭ" ނުވަތަ "ދާތާކަށް ދާށޭ" ބުނުން ފަދަ ލަފުޒުތައް ބޭނުން ކުރުމެވެ.

  1. ލިޔާލިޔުމަކުން:

 އަނބިމީހާ ވަރިކުރާއިރު އޭނާއަށް ލިޔާލިޔުމަކުން ވެސް ވަރިކުރެވި ދާނެއެވެ. ލިޔުމުން ވަރި ކުރުމުގައި ދެކަމެއް ފުރިހަމަ ވާންޖެހެ އެވެ. އެއީ ވަރި ކުރަނީ މިވެނި އަންހެނެއްކަން ކަނޑައެޅިގެން އެނގެން އޮތުމާއޮތުމާއި އެ އަންހެންމީހާއަށް  ލިޔުމަކުން ވަރިކުރާއިރު މިވެނި އަންހެންމީހާ އަހަރެން ވަރިކުރަން މިފަދަ ޢިބާރާތެއް ލިޔެ އެއަންހެންމީހާ އަށް އެޑްރެސް ކުރުމެވެ. ނަމަވެސް ހަމައެކަނި ކަރުދާސް ކޮޅެއްގައި އަހަރެންގެ އަންހެނުން ވަރިކުރަން ނުވަތަ މިވެނި މީހާ ވަރިކޮށްފިން އެއީ ނިޔަތަކާއި ނުލައި ލިޔާ ލިޔުމެއްގައި ނުވަތަ އަނބިމީހާ އަށް އެޑްރެސް ކޮށްފައިނުވާނަމަ ވަރިއަކަށް ނުވާނެއެވެ.

  1. ޢިޝާރާތުން :

ވާހަކަ ނުދެއްކޭ މަންމަން މީހާގެ ޢިޝާރާތް ބެލެވޭނީ އޭނާއާއި މުޢާމަލާތް ކުރާގޮތް ނުވަތަ ދެކެވޭ ވާހަކަ އަށެވެ. އެހެންކަމުން އަނބިމީހާ ތިހިރީ ވަރިކޮށްފައޭ ބުނުމުގެ މާނައިގައި އޭނަކުރާ އިޝާރާތަކުން އޭނާގެ އަންހެނުން ވަރިވާނެއެވެ. މިތާގައި ފިޤުހީ ޢިލްމުވެރިން ޝަރުޠު ކުރައްވާ ގޮތުގައި މަންމަން މީހާއަށް ލިޔަން އެނގޭ ކަމުގައިވަނީނަމަ ވަރިކުރަން ޖެހެނީ ލިޔުމަކުންނެވެ.

ވަރިކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

ވަރި އަކީ އޭގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އަސަރު ފޯރާ ކަމަކަށްވެފައި، ކޮންމެ ކޮންމެ މީހަކަށް ވަރި ކުރުމުގެ ބާރު ލިބިގެނެއް ނުވެއެވެ. ހުރިހާ ޢިލްމުވެރީން ވެސް އެއްބަސްވެލައްވާ ގޮތުގައި ވަރިކުރާ ފިރިއެއްގެ ކިބައިގައި ވަކި  ޝަރުޠުތަކެއް  ހުންނަން ޖެހެ އެވެ. އެއީ ބުއްދި ހަމަޖެހުން، ބާލިޣުވުން އަދި އިޚްތިޔާރު ލިބިފައިވާ މީހަކަމަށްވުމެވެ. އިސްވެދިޔަ ސިފަތައް ލިބިފައިވާ މީހާ ކުރާވަރި ރައްދުވާނެއެވެ. ނަމަވެސް މޮޔަ ނުވަތަ ބުއްދި ހަމަނުޖެހޭ މީހާ އާއި،  ބާލިޣުނުވާ ކުޑަކުއްޖާ އަދި މަޖުބޫރު ކުރުވިގެން ކުރާ ވަރިއެއް ރައްދެއް ނުވާނެއެވެ. ސަބަބަކީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާއިފައިވާ  ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ގަލަން ހުއްޓޭނެ ތިން މީހެއް ވެއެވެ. އެއީ ނިދާފައިވާ މީހާ ހޭލައްޖައުމަށްދާން ދެނެވެ. އަދި ބާލިޣްނުވާ ކުޑަކުއްޖާ އިހްތިލާމު ވުމަށް ދާންދެނެވެ. މޮޔަމީހާ ބުއްދި ހަމަޖެހުމަށް ދާންދެނެވެ." ކުޑަކުއްޖާ އާއި މޮޔަމީހާގެ ވަރި ޞައްޙަ ނުވަނީ އެބައިމީހުންގެ ހަމަބުއްދި ނުހުންނާނެތީއެވެ. ހަދީޘް ފުޅެއްގައި ކީރިތި ރަސޫލާގެ އެހެން ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ. " ބުއްދި ހަމަޖެހޭ މީހުން ކުރާ ވަރިނޫން ކޮންމެ ވަރިއެއްވެސް ޖާއިޒެވެ." ވީމާ ވަރި ޞައްޙަވާނީ ވަރި ކުރާ މީހާ އަކީ ބާލިޣުވެ، ބުއްދި ސަލާމަތުންހުރި އަދި އެއްމެހާ މަޖުބޫރަކުން ވީއްލިގެންވާ މީހެއް ކަމުގައިވާ ނަމަ އެވެ.

ވަރީގެ ބާވަތްތަކުގެ ތެރެއިން ރަޖުޢީ ވަރިއާއި ބާއިނު ވަރި

  1. ރަޖުޢީ ވަރި

ރުޖޫޢަ ވަރި އަކީ ރޭކޮށްފައިވާ އަނބިމީހާ ވަރިކުރާއިރު އެއްވަނަ ފަހަރު ކުރާ ވަރިއާއި ދެވަނަ ފަހަރު ކުރާވަރިއެވެ. ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. " ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި(އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." ވީމާ ވަރި ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރި ކުރުމަށްފަހު ރުޖޫޢަ ކުރެވޭނެއެވެ. މިގޮތަށް ރުޖޫޢަ ކުރުމުގައި އާރަނެއް ނުވަތަ އާ ޢަޤުދެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ޢިއްދަ ހަމަވީއިރުވެސް ކައިވެނި ރުޖޫޢަ ނުކުރާނަމަ ދެން އަލުން ކައިވެނި ކުރަންޖަހޭނީ އާރަނަކާއި އާ ޢަޤުދަކާއި އެކުގައެވެ.

ފިރިމީހާއަށް އަނބިމީހާ ރުޖޫޢަ ވަރިއަކުން ވަރި ކުރެވިފައިވާނަމަ އަނބިމީހާ ވަރިކުރުމަށްފަހު ކައިވެނި ރުޖޫޢަ ކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވާ މީހަކީ ފިރިމީހާއެވެ. މާތް ﷲ ވަޙީކުރައްވާ ބަސް ފުޅެއްގެ މާނައިގައި ވެއެވެ. "އެކަބަލުންގެ ފިރިންނަށް އެކަބަލުންގެ  ޙައްޤުކަން ބޮޑެވެ." އެހެންކަމުން ކައިވެނި ރުޖޫޢަ ކުރާއިރު އަނބިމީހާގެ ރުހުމެއް، ވަލީވެރިޔާގެ ވަލީއެއް އަދި ހެކިންގެ ހެކި ބަހެއް ވެސް ބޭނުމެއް ނުވެއެވެ.

ކައިވެނި ރުޖޫޢަ ކުރާއިރު ހަމައެކަނި ބަހަކުން ވެސް ކަނބުލޭގެ ތިމަންނަ ރުޖޫޢަކުރަމޭ ބުނުމުންވެސް ފުދެއެވެ. ނުވަތަ އަނބިމީހާއާއި އެކު ޖިމާޢުވުމުން ނުވަތަ ހަމައެކަނި ބޮސްދިނުމަކުން ވެސް ފުދެއެވެ. މިގޮތަށް ދެކިލައްވާ ފިޤުހު ޢިލްމުވެރިންގެ އިތުރުން ޝާފިޢީގެފާނު ހަމަކުރައްވާ ގޮތުގައި ޢިއްދާގައި އިންނަ އަންހެނާގެ ފަރާތުން ޖިންސީ ފައިދާ ނެގުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޙަރަމް ކަމެކެވެ. ވީމާ ޝާފިޢީގެފާނުގެ ރަޢުޔުގައި ކައިވެނި ރުޖޫޢަ ކުރެވޭނީ ހަމައެކަނި އެކަމުގެ ޤަޞްދުގައި އެކަމަށް ކުޅަދާނަކަށް ލިބިގެންވާ، ދެހެކީންގެ ޙާޟިރުގައި ބުނާ ޞަރީޙަ ޢީބާރާތަކުންނެވެ. ޖިމާޢުވުމަކުން ބޮސްދިނުމަކުން އެނޫންވެސް ޝަހުވާނީ އެދުމެއް ފުއްދުމަކުން ކައިވެނި ރުޖޫޢައެއް ނުކުރެވޭނެއެވެ.

2.ބާއިން ވަރި

ބާއިން ވަރި އަކީ އެ ވަރިއެއްގައި ފިރިމީހާ އަށް އެ ވަރިކުރި އަންހެނާ ރުޖޫޢު ނުކުރެވޭ ވަރި އެވެ. ބާއިން ވަރި ދެބަޔަކަށް ބެހެއެވެ. އެއީ އަލްބައިނޫނަތުއްޞުޣްރާ އާއި އަލްބައިނޫނަތުލްކުބްރާ އެވެ. އަނތްބަކު ތިންވަނަ ފަހަރަށް ވަރިކުރާ ވަރި ކުރުމާއި ރޭކުރުމުގެ ކުރިންކުރާ ވަރި އާއި މުދަލުގެ ބަދަލުގައިކުރާ ވަރި ހިމެނިގެންދަނީ ބާއިން ވަރީގެ ތެރެއިންނެވެ.

ރޭކުރުމުގެ ކުރިން ކުރެވޭ ވަރި ބާއިން ވަރިއަކަށްވަނީ މިގޮތަށް ކުރާވަރީގައި ޢިއްދައެއް ނޯންނާތީއެވެ. މާތް ﷲ ވަޙީކުރައްވާ ބަސް ފުޅެއްގެ މާނައިގައި ވެއެވެ. "އޭ އިމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުން މުއުމިނު އަންހެނުންނާއި ކައިވެނިކޮށް އަދި އެކަބަލުންނާއެކު ރޭކުރުމުގެ ކުރިން ވަރިކުރާނަމަ އެކަބަލުންގެ ފުރިހަމަ ކުރާނެ ޢިއްދައެއް ނެތެވެ." މިފަދައިން މި އާޔަތުގައި އޮތުމުން އެނގެނީ އަންހެނަކު ކައިވެނި ކުރުމަށްފަހު ރޭނުކޮށް ފިރިމީހާ ވަރިކޮށްފިނަމަ އޭނާ ޢިއްދާއެއް ނޯންނަކަމެވެ. އަދި އިއްދާއެއް ނޯންނަންޏާ ކައިވެނި ރުޖޫޢަ ކުރުމެއް ނުވާނެއެވެ. ސަބަބަކީ ކައިވެނި ރުޖޫޢަ ކުރެވެނީ ޢިއްދާގެ ދުވަސްވަރު ކަމުގައިވާތީއެވެ.

ތިންފަށް ވަރިން ކުރާ ވަރި ބާއިން ވަރިއަކަށްވަނީ، ތިންފަށް ވަރިން ވަރިވުމަށްފަހު ފިރިހެންމީހާ އަށް އަންހެންމީހާ އާއި ކާވެނި ކުރެވޭނީ އެ އަންހެންމީހާ އެހެން މީހަކާއި ކާވެނިކޮށް ރޭކުރުމަށްފަހު ވަރިވެ ޢިއްދަ ހަމަވުމުންކަމުގައިވާތީއެވެ.

މުދަލުގެ ބަދަލުގައިކުރާ ވަރި ނުވަތަ ޚުލްޢު ވަރި ބާއިން ވަރިއަކަށްވާ ސަބަބަކީ ޚުލްޢު ވަރިން ވަރިވުމަށް ފަހުގައިވެސް ފިރހެންމީހާ އަށް އަންހެންމީހާ ރުޖުޢު ކުރުމުގެ ފުރުސަތު ނޯންނާތީއެވެ.

ވަރިކުރާއިރު އަނބިމީހާގެ ޙާލަތު ހުރިގޮތުން ވަރި ބެހިގެންވާ ބައިތައް

ވަރިކުރާއިރު އަނބިމީހާގެ ޙާލަތު ހުރިގޮތުން ވަރި ބެހިބެހިގެންވާ ބައިތަކަކީ  ސުއްނީ ވަރި އާއި ބިދުޢީ ވަރި އާއި ބިދުޢީ ވަރި އަކަށް އަދި ސުއްނީ ވަރި އަކަށްނުވާ ވަރި އެވެ.

  1. ސުއްނީ ވަރި

ޝަރުޢީގޮތުން ހުއްދަކުރާ ސަބަބަކާއި ހުރެ، އަނބިމީހާ ޙައިޟު ނިފާސްކަމުން ޠާހިރުވެހުރެ ޖިމާޢުނުވާ ޠުހުރެއްގައި، އޭނާއާއި އެކުގައި ރޭނުކޮށް، އެއްފަހަރުގެ ވަރިއަކުން ކުރާވަރިއަކީ  ސުއްނީވަރި އެވެ. މި ކަމުގެ ދަލީލަކީ ޢަބުދުﷲ ބިން އުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. އޭނާގެ އަނބިކަބަލުން ހައިޟުގައި އިން ހާލަތުގައި އޭނާ ވަރިކުރިއެވެ. އެއީ ކިރިތި ރަސޫލާގެ ހަޔާތްޕުޅުގައެވެ. އަދި އުމަރުގެފާނު މިވާހަކަ ކީރިތި ރަސޫލާގެ އަރިހުގައި އެއްސެވިއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެނާއަށް އަންހެނުން ރުޖޫޢަކުރަން އަންގާށެވެ. ދެން އޭނާ ޙައިޟުން ޠާހިރުވަންދެން އަދި އެއަށްފަހު އޭނާ ޙައިޟުވެ ޠާހިރުވާ ހިނދު ރޭނުކޮށް ވަރިކުރަން ބޭނުންނަމަ ވަރިކުރާށެވެ. ނޫނީ ބަނޑުބޮޑުއިރު ވަރިކުރާށެވެ. އަދި ހިފަހައްޓަން ބޭނުންނަމަ ދޫކޮށްނުލާށެވެ. މާތް ﷲ އަމުރު ކުރައްވާފައިވާ އަންހެނުން ވަރިކުރަން އަންގާފައިވާ ޢިއްދައަކީ އެއީއެވެ. މި ގޮތަށް އޮތުމުގެ ޙިކްމަތަކީ ވަރިކުރެވޭނީ ވަކިދުވަސްވަރެއްގައި ކަމަށްވާތީވެ އެ ދުވަހާއި ހަމައަށް ފިރިމީހާގެ ރުޅި ކޮންޓްރޯލްވެ އެދެމީހުން ހެޔޮގޮތުގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ސުއްނީ ވަރީގެ ޙުކުމް:

މިއީ ޖާއިޒު ވަރިއެކެވެ. އަދި މިގޮތަށް ތިމާގެ އަނބިމީހާ ވަރިކޮށްފިނަމަ ވަރިއަކަށް ވާނެއެވެ.

2. ބިދުޢީ ވަރި

އިސްލާމުދީނުގައި ޝަރުޢު ކުރައްވާފައިވާ ވަރިއާއި ޚިލާފުވާ ކޮންމެ ވަރިއަކީ ބިދުޢީ ވަރިއެވެ. އެއީ މިސާލަކަށް އެއްފަހަރު ވަރިކުރާއިރު ތިންފަށްކޮށް ވަރިކުރުމެވެ. ނޫނީ ޙައިޟު އަދި ނިފާސްގައި ހުއްޓާ ވަރި ކުރުން، ޖިމާޢުވެފައިވާ ޠުހުރެއްގައި ވަރި ކުރުން، އެއްފަހަރާ ތިން ވަރި ކުރުން ފަދަ ވަރިއަށް ފިޤުހުގައި ކިޔައި އުޅެނީ '' ޠަލާޤުލް ބިދްޢީ '' ނުވަތަ ބިދްޢީ ވަރިއެވެ.

މިއީ ވަރި ކުރުމުގައި ޙަރާމް ގޮތެކެވެ. މިފަދަ ވަރި ކުރުމަކީ ޙަރާމް ކަމެއް ކަމުގެ ދަލީލަކީ މިއީއެވެ. ސޫރަތުއް ޠަލާޤުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައިވެއެވެ. '' އޭ ނަބިއްޔާ އެވެ. ތިޔަބައިމީހުން އަނބިން ވަރި ކުރާނަމަ، ފަހެ، އެ ކަނބަލުން ޢިއްދަ އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ. އަދި ތިޔަބައި މީހުން ޢިއްދަ ގުނާ ހަމަކުރާށެވެ. އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤުވާވެރި ވާށެވެ.'' މި އާޔަތުގެ މާނައަކީ، އަނބިމީހާ ވަރި ކުރާ އިރު، އަނބިމީހާ ޢިއްދައިގައި ކުރިމަތިލާން ޖެހޭ މުއްދަތު އެނގޭނެ ފަދަ ޙާލަތެއްގައި ވަރި ކުރާށެވެ. މިކަން ކުރެވޭނީ ބަނޑު ބޮޑުވެފައި ހުއްޓާ ނުވަތަ، ޖިމާޢު ނުވާ ޠުހުރެއްގައި ވަރި ކުރީމައެވެ. މިއާ ޚިލާފަށް، ޙައިޟުގައި ހުއްޓާ ވަރި ކުރުމުން ވާ ގޮތަކީ، ވަރިކުރާ ޙައިޟު އެއީ ޢިއްދައިގެ ތެރޭގައި ގުނޭނެ ޙައިޟެއް ނޫނެވެ. ވީމާ އަނބިމީހާ މިހާރު ހުރި ޙައިޟު ނިމި އަނެއްކާ ތިން ޙައިޟު ވަން ދެން ހުންނަން އެބަޖެހެއެވެ. ޖިމާޢުވެފައި ހުރި ޠުހުރެއްގައި ވަރި ކުރުމުން ވެސް ކުރިމަތިލާން ޖެހޭ ޢިއްދައެއް ނޭނގެއެވެ. އެހެނީ އެ ޖިމާޢުން ބަނޑު ބޮޑު ވި ތޯ ؟ ނޫންތޯއެއް އަދި ނޭގޭނެއެވެ. ވީމާ އަނބި މީހާ ހުންނަން ޖެހޭ ޢިއްދަ ގުނާނީ ޙައިޟުން ތޯ ނުވަތަ ވިހެއުމުންތޯ، މިއީ ނޭނގޭނެ ކަމެކެވެ. ވީމާ މި ގޮތް ވެސް ހުއްދަ ނުވަނީއެވެ.

ބިދުޢީ ވަރީގެ ޙުކުމް:

މިގޮތަށް ވަރި ކުރުމަކީ ޙަރާމް ކަމެކެވެ. ވަރިކުރާ މީހާ ފާފަވެރި ވާނެއެވެ. އަދި އެކުރި ވަރި ވަރި އަކަށް ވެސް ވާނެއެވެ.

3. ބިދުޢީ ވަރިއަކަށް އަދި ސުއްނީވަރި އަކަށްނުވާ ވަރި

  1. ބާލިޣުނުވާ ކުޑަކުއްޖާ ވަރިކުރުން
  2. ޙައިޟުނުވާ އަންހެނާ (ޢިއްދައިން ކެނޑިފައިވާ އަންހެނާ) ވަރުކުރުން
  3. ބަލިވެއިން އަންހެނާ ވަރިކުރުން

ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން އެނގުމުންކުރާ ވަރި އަކީ، ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބިދުޢީ އަދި ސުންނީ ވަރިއެކެވެ. ނަމަވެސް އައްސައްޔިދުއް ސާބިޤު 'ފިޤްހުއް ސުންނާ' ގައި ލިޔުއްވާފައިވަނީ ބަލިވެއިން އަންހެނާ ވަރި ކޮށްފިނަމަ އެ ވަރި ވާނީ ސުއްނީ ވަރީގެ ވައްތަރަކަށެވެ. 

 

ބިދުޢީ ވަރިއަކަށް އަދި ސުއްނީވަރި އަކަށްނުވާ ވަރީގެ ޙުކުމް:

މިފަދަ ވަރި އަކީ ޖާއިޒު ވަރި އެކެވެ. އަދި އެކުރާ ވަރި ވަރިއަކަށް ވެސް ވާނެއެވެ.

ޤާޟީއަށް ވަރިކޮށްދެވޭ ބައެއް ޙާލަތްތައް

  1. ފިރިމީހާ އަނބިމީހާއަށް ޚަރަދު ނުދިނުން
  2. ފިރިމީހާ އަނބިމީހާއަށް އަނިޔާކުރުން
  3. ވީތަނެއް ނޭނގި ފިރިމީހާ ޣައިބުވުމުން
  4. ފިރިމީހާ ބަންދެއްގައި ނުވަތަ ޖަލުގައި ހުރުން

ދިވެހިރާއްޖޭގައި ވަރީގެ އަދަދު ގިނަވުމަށް މުދުވެރިވާ ބައެއް ސަބަބުތަކާއި ވަރީގެ އަދަދު މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް

ދިވެހި މުޖުތަމަޢުއަކީ އާބާދީގެ ގޮތުން ކިތައްމެ މަދު އަދަދެއްގެ މީސްކޮޅެއް ތިބި މުޖުތަމަޢެއް ނަމަވެސް ވަރީގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ މައްޗަށެވެ. މިކަން މިގޮތަށް މެދުވެރިވާން  ދިމާވާ ތަފާތު ސަބަބުތަކެއް ވާނޭކަން ކަށަވަރެވެ. އެހެންކަމުން 'ވަރި' މި މައުޟޫޢުގެ މައްޗަށް ހެދޭ މިފަދަ އެސައިންމެންޓެއްގައި ވަރި ގިނަވުމަށް މެދުވެރިވާ ސަބަބުތަކާއި ވަރީގެ އަދަދު ކޮންޓްރޯލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމަނާލުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމަށް ދެކެމެވެ.

ވަރި ގިނަވުމަށް މެދުވެރިވާ ސަބަބުތައް

  1. ވަޒީފާގެ ގޮތުން ނުވަތަ ދިރިއުޅުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތުން ދެމަފިރީންނަށް އެކަކު އަނެކާއި އެކުގައި ބޭނުންވާ މިންވަރަށް ވަގުތު ހޭދަ ނުކުރެވުން
  2. ކައިވެނިކުރާއިރު ދެމަފިރީންނަށް ކައިވެންޏާއި ބެހޭ މަޢުލޫމާތު ނުލިބުމާއި ކައިވެންޏަށް ތައްޔާރު ވެފައި ނެތުން
  3. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ދެމަފިރިންގެ ޢަމަލުތައް ނުބެހެއްޓުން. ކަން މިހެން ހުރުމުގެ ސަބަބުން  ﷲގެ ޙަޟްރަތަށް އެއްވެސް ބިރުވެތިވުމެއްނެތި، އަނބިމީހާ އެއްވެސް ސަބަބަކާއިނުލާ ވެސް ފިރިމީހާގެ ކިބައިން   ވަރި އަށް އެދެއެވެ. އަދި ފިރިމީހާ ވެސް އެއްވެސް ސަބަބަކާއިނުލާ އަނބިމީހާ ވަރި ކޮށްލަނީ ވެސް މަދެއްކޮށެއް ނޫނެވެ.
  4. ދެމަފިރީންގެ ދިރިއުޅުމަށް ދެފަރާތުގެ ޢާއިލާގެ ނުފޫޒު ފޯރުމާއި އެކުގައި، ދެމަފިރީންގެ އެއްވެސް ނިންމުމެއްގައި އެ ދެމީހުންގެ އަމިއްލަ އިޚްތިޔާރު ނެތުން
  5. އަނބިމީހާގެ ފަރާތުން ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކާއި ފިރިމީހާގެ ފަރާތުން އަނބިމީހާ އަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކޮށްދެވުން
     
     
    ވަރީގެ އަދަދު ކޮންޓްރޯލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް

  1. ދެމަފިރީންނަކީ ވެސް ވަޒީފާ އަށް ދާދެމީހުން ކަމުގައިވަނީނަމަ އެ ދެމީހުންނަށް އެކުގައި ވަގުތު ހޭދަކުރެވޭފަދަ ގޮތަކަށް ވަޒިފާގެ ވަގުތުތައް ހަމަޖެއްސުން
  2. ކައިވެނި ކުރުމުގެ ކުރިން ކައިވެންޏާއިބެހޭ މަޢުލޫމާތު ހޯދުމާއި ކައިވެންޏަށް ރަނގަޅަސް ތައްޔާރުވުން
  3. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ދެމަފިރިންގެ ޢަމަލުތައް ބެހެއްޓުން.
  4. ދެމަފިރީންގެ ދެމެދުގައި ނިންމަންޖެހޭ ނިންމުންތަކަކީ، ދެފަރާތުގެ ޢާއިލާގެ ނުފޫޒުން ސަލާމަތްވުމާއިއެކު އެ   ދެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ނިންމޭ ނިންމުން ތަކަކަށްވުން
  5. އަނބިމީހާގެ ފަރާތުން ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކާއި ފިރިމީހާގެ ފަރާތުން އަނބިމީހާ އަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ގަދައަޅާ މަސައްކަތް ކުރުން 

No comments:

Post a Comment