Tuesday, May 5, 2015

ދެވަނަ ހަރަކާތް


ތިރީގައިމިވާ ލިއުން އުނގަންނައިދިނުމުގެ ތަފާތު ޙާލަތްތަކުގައި ބޭނުންކުރެވިދާނެއެވެ.

v     ގްރޭޑް 10ގެ އިސްލާމް ފިޤްހުގެ ބައިން ބަނގުރަލާ މަސްތުވާތަކެތި ކިޔަވައިދިނުމުގައި
v     ޘާނަވީ ގްރޭޑްތަކަށް ދިވެހި ދޭހައެއްގެ ގޮތުގައި
v     ޘާނަވީ ގްރޭޑްތަކަށް މަޒުމޫނު ލިއުމަށް މަޢުލޫމާތު ހޯދުމުގައި 

ރާބުއިން (ބަނގުރަލާއި މަސްތުވާތަކެތި)

ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުކުރެއްވި އެންމެހައި މަޚްލޫޤުންގެ ތެރެއިން ބުއްދިއާއި ވިސްނުން ދެއްވައި އެންމެ މާތްކުރައްވައިފައިވަނީ އިންސާނާއެވެ. އިންސާނާއަށް ބުއްދި ދެއްވައަފައިވަނީ ވިސްނައި ފިކުރުކުރުމައްޓަކައެވެ. ހެވާއި ނުބައި ވަކިކޮށް ދެނެގަތުމައްޓަކައެވެ. ކަންމިހެން އޮތްއިރު ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ނުކުރާމީހާގެ ދަރަޖަ އެކަލާނގެ ޙަޟްރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެ ވެސް ދަށުދަރަޖައަކަށް ވެއްޓިގެންދެއެވެ. އެހެންކަމުން އިސްލާމްދީނުގައި ބުއްދިއަށް ރައްކާތެރިވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މިގޮތުން ބަލާއިރު އިސްލާމްދީނުގައި ރައްކާތެރިކޮއްފައިވާ ފަސް ދާއިރާގެ ތެރޭގައި ބުއްދި ހިމެނެއެވެ. އެހެންކަމުން ބުއްދި ސަލާމަތްކުރެވޭނީ ރަލާއި މަސްތުވާތަކެތީން ދުރުހެލިވެގެންނެވެ.
މިގޮތުންބަލާއިރު މަސްތުވާތަކެތީގެ ސަބަބުން ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެއްކިބާކޮށްލައެވެ. މިހެންކަމުން ބުއްދި ސަލާމަތްކުރުމައްޓަކައި މަސްތުވާތަކެތިވަނީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައެވެ. އެއީ، ދިޔާ އެއްޗަކަށްވިޔަސް، ހިކިއެއްޗަކަސްްވިޔަސް ދުމެއް ކަމުގައި ވިޔަސް، އިންޖެކްޝަނެއް ކަމުގައި ވިޔަސް، ކެޕްސޫލެއް ކަމުގައި ވިޔަސް އަދި މިނޫން ބާވަތެއް ކަމުގައި ވިޔަސް މެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެމާނާގައިވެއެވެ. "ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ.އަދި ކޮންމެ ރަލަކީ ޙަރާމް އެއްޗެކެވެ."  އިސްލާމްދީނުގައި ރާ ޙަރާމްކުރައްވައިފައިވަނީ، ވަރަށް ޙިކުމަތްތެރިކަމާއެކީގައެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއްގައެވެ.

މިގޮތުން އިސްލާމްދީނުގައި ރާ ޙަރާމްކުރައްވައިފައިވަނީ ތަފާތު ތިން މަރުޙަލާގެ މަތިންނެވެ.

ރާ ޙަރާމް ކުރައްވާފައިވާ 3 މަރުޙަލާއެއްވާއިރު އޭގައި ޙިކުމަތް ތަކެއްވެސް ވެއެވެ. އޭގެ ތެރެއިން އެއް ޙިކުމަތަކީ މީސްތަކުންނަށް ފަސޭހަކުރެއްވުމެވެ. އެއީ މީސްތަކުން ކަންކަމަށް އާދަވެފައި އެއާއެކު ލާމެހިފައިވާ އެއްޗަކުން ދުރުވެގަތުމަށް ފަސޭހަކުރެއްވުމަށެވެ. އަދި އެއް މަރުޙަލާއަކުން ހުއްޓުވައިފިނަމަ، މީސްތަކުންނަށް އެދޫކޮށްލަން ވަރަށް އުނދަގޫ ވާނެތީއެވެ.
ރާ ޙަރާމް ކުރެއްވެވި މަރުޙަލާތަކަށް ބަލާއިރު ފުރަތަމަ މަރުޙަލާގައި ރަލާއި، ޖުވާކުޅުމުގައި މީސްތަކުންނަށް ފައިދާއެއްވެސް ލައްވަވާފައިވާކަން އަންގަވާފައިވެއެވެ. އަދި އޭގައި ފާފަބޮޑުކަންވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް މިފައިދާއަށް ވުރެން ބޮޑީ ގެއްލުންކަން (ފާފަ ބޮޑުކަންވެސް) އަންގަވާދެއްވަވާފައިވެއެވެ. މިކަންއަންގަވާ މާތްﷲ ޞުބްޢާނަޙޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 


يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا

 "ރަލާއި، މައިސިރާ ބެހޭގޮތުން އެބައިމީހުން ކަލޭގެފާނުންގެ އަރިހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވެދެއްވާށެވެ. އަދި މީސްތަކުންނަށް ފައިދާވެސް ވެއެވެ. އަދި އެދެކަމުގެ ފައިދާއަށްވުރެ އެއިން ލިބޭ ފާފަބޮޑެވެ."


މިހެންކަމުން މިއިންއެނގެނީ ފުރަތަމަ މަރުޙަލާގައި ރާޙަރާމް ނުކުރަށްވަވާކަމެވެ. އަދި މީސްތަކުން އެއަށް އަޅުވެތިވެފައިވާ އެއްޗަކުން ހުރި ފައިދާއަށްވުރެ ބޮޑީ އެއިންލިބޭ ގެއްލުންކަމެވެ. މިހެންކަމުން މިއިންއެނގެނީ އެޙާލަތުގައިވެސް ރާ ހަރާމް ނުވާކަމެވެ. މިމަރުޙަލާގައިވެސް މީސްތަކުން މަސްތުވެގެންވާ ޙާލުގައި ނުވަތަ ރާ ބޮއިގެން ނަމާދަށް އަރަމުންދިޔައެވެ. މީގެ ސަބަބުން ނަމާދުގައި އެމީހުން މުރޫޢަތްތެރި ވާންޖެހޭވަރަށް އެއްގޮތަކަށް ވެސްނުވެވެއެވެ. އަދި ކިޔޭ ނުކިޔޭއެއް އެބައިމީހުނަކަށް ނޭނގެއެވެ. މިހެންކަމުން ނަމާދުން އެމީހުންނަށް ލިބޭ ފައިދާއެއްނޯވެއެވެ. މިހެން ކަމުން އޭގެ ފައިދާ ބޮޑުކަން ހާމަކުރެއްވުމަށްފަހު ދެން ވަޙީ ކުރައްވާފައިވަނީ

 يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ

 ."އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކިޔާއެއްޗެއް އެނގިއްޖެއުމަށް ދާންދެން ތިޔަބައިމީހުން މަސްތުވެގެންވާ ޙާލުގައި ނަމާދާ ކައިރިނުވާށެވެ."މިހެންއަންގަވާ މަސްތުވެގެންވާ ޙާލުގައި ނަމާދާއި ކައިރި ނުވުމަށް އެންގެވިއެވެ.
ދެންމިއަށްފަހު ވަޙީ ކުރައްވާފައިވެއެވެ. "އޭއީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރުމަށް ހަދާފައިވާ ބުދުތަކާއި، ނަސީބުހުރިގޮތް ބަލަންގެންގުޅޭ ދުނނިދަނޑި ތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެތަކެއްޗާއި ދުރުހެލިވާށެވެ. ރަލަކީ ޙަރާމް އެއްޗެކަށް ވެގެންދިޔައި މިހިސާބުންފެށިގެންނެވެ.

ރަލުގެ ޙިކުމަތް

އިސްލާމީ ޝަރީޢަތް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ މައިގަނޑު ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައެވެ. މިގޮތުން ދީން ރައްކާތެރިކުރުމުގެ ގޮތުން މުރުތައްދުވާމީހާ މެރުން ހުއްދަކުރެއްވިއެވެ. އިންސާނާގެ ނަފްސު ރައްކާތެރިކޮށްދެއްވުމަށްޓަކައި ގަސްދުގައި މީހުން މަރައިފިނަމަ ޤިޞާޞް ހިފުން ލެއްވިއެވެ. އިންސާނާގެއަބުރު ރައްކާތެރިކޮށްދެއްވުމަށްޓަކައި ޤަޛްފުގެ ޙައްދު ލެއްވިއެވެ. މުދާ ރައްކާތެރިކޮށް ޙިމާޔަތް ކޮށްދެއްވުމަށްޓަކައި މަގުފޭރުމާއި، ވައްކަން ކުރުން ޙަރާމް ކުރެއްވާ މަގުފޭރޭމީހާއާއި، ވައްކަން ކުރާ މީހާގެ އަތް ކެޑުމަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވެއެވެ. އަދި ހަމައެހެންމެ ދަރިފަސްކޮޅު އޮޅުންބޮޅުންވެގެން ނުދިއުމަށްޓަކައި ޒިނޭ ކުރުން ޙަރާމް ކުރެއްވެވިއެވެ. ބުއްދި ސަލާމަތް ކުރެއްވުމުގެ ޙިކުމަތަށްޓަކައި ރަލާއި، މަސްތުވާތަކެތި ޙަރާމް ކުރެއްވިއެވެ.
ދަންނާށެވެ! އިންސާނާގެ ބުއްދި މަސްތުވުމުން ދުރުހެލިކޮށްފި ކަމުގައިވަނީނަމަ، ދެންހުރި އެހެން ޖަރީމާތަކަށް މަސްތުވެހުރެ އަރައިގަތުމުން ދުރުހެލިވެ ހުރުމުގެ ބޮޑު ފުރުޞަތެއް ލިބިދީފައިވެއެވެ.
ރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ. މާތްﷲ ސުބްޢާނަހޫ ވަތަޢާލާ ދުނިޔޭގައި ލެއްވި ކޮންމެ އެއްޗެއްގައިވެސް، އެއެއްޗެއްލެއްވި ޙިކުމަތެއްވެއެވެ. އެއެއްޗަކީ ޙަލާލް އެއްޗެއް ކަމުގައި ވީނަމަވެސް ނުވަތަ ޙަރާމް އެއްޗެއް ކަމުގައިވީނަމަވެސް މެއެވެ. މިގޮތުން ﷲ ސުބްހާނަހޫ ވަތަޢާލާ ބަނގުރަލާއި، މަސްތުވާތަކެތި ޙަރާމް ކުރެއްވެވީ އެއިން އިންސާނުންނަށް އެނގިގެންނަމަވެސް ނުވަތަ ނޭންގިނަމަވެސް ނުހަނު ބޮޑެތި ގެއްލުން ތަކެއް އެކުލެވިގެން ވުމުގެ ސަބަބުންނެވެ. މިގޮތުން ބަނގުރާ ޙަރާމްކުރެއްވެވީ އެއިން ސިއްޙަތަށް ލިބޭ ބޮޑެތި ގެއްލުން ތަކުން ދުހެލިކޮށް ދިނުމަށާއި، ކަންކަމާއި މާޔޫސްވެ ނާއުންމީދުވުމުން ދުރުކޮށް އީމާންތެރިކަން ވަރުގަދަ ކުރުމަށާއި، ﷲ އާއި އަޅާއާއި ދެދުގައިވާ ގުޅުން ވަރުގަދަ ކުރެއްވުމުގެ ބޭނުންތެރިކަން ބޮޑުކުރެއްވުމުގެ ގޮތުންނާއި، މާތްﷲ އިންސާނާއާ ޙަވާލުކޮށްފައިވާ ރިސާލަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސްއަޅާ އެއްޗެއް ކަމުގައި މަސްތުވާ ތަކެތި ވާތީއެވެ.

ރަލުގެ ސަބަބުން ލިބޭ ގެއްލުން

ކޮންމެ ޙަރާމް އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ ޙަރާމް ކަމެއްކޮށްފިނަމަ އެތަކެއް ތަފާތު ގެއްލުންތަކެއް ތަޙަންމަލު ކުރަންޖެހިދެއެވެ. މިގޮތުން ރަލުގެ ސަބަބުން ނުވަތަ މަސްތުވާ ތަކެތީގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެފައި އެހާމެ ނުރައްކާތެރިއެވެ. މިގޮތުން ރަލުގެ ސަބަބުން ލިބޭ ގެއްލުންތައް މައިގަނޑު ގޮތެއްގައި 2 ބަޔަކަށް ބެހިގެން ދެއެވެ. އެއީ، ދުނިޔެވީ ގޮތުން ލިބޭ ގެއްލުންތަކާއި، އުޚްރަވީ ގޮތުން ލިބޭ ގެއްލުންތަކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި އިންސާނާގެ އަމިއްލަ ނަފްސަށް ލިބޭ ގެއްލުންތަކާއި، އިޤްތިޞާދި ގޮތުން ލިބޭ ގެއްލުންތަކާއި، ޢާއިލީ ގޮތުން ލިބޭ ގެއްލުން ތަކާއި، އިޖްތިމާޢީ ގޮތުން ލިބޭ ގެއްލުންތައް ހިމެނެއެވެ.
މިގޮތުން ރާބުއިމުގެ ސަބަބުން ދުނިޔެ މަތީގައި ލިބޭ ގެއްލުން ތަކުގެތެރޭގައި ރާބޯމީހާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނުކުޅެދުންތެރި މީހަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ޢިލްމީ ހޯދުންތަކުން ހާމަވެއެވެ. ހަށިގަނޑުގައިވާ ނާރުތަކުގެ ބާރުދެރަވެ، ދިފާއީ ބާރު ކުޑަވެދެއެވެ. އަދި ފުއްޕާމެ އާއި، ނޭވާލާ ނިޒާމަށް ތަފާތު ބަލިތައް ޖެހިދެއެވެ. އަދި ރަލުގެ ސަބަބުން ނުވަތަ މަސްތުވާ ތަކެތީގެ ސަބަބުން ޢިޖްތިމާޢީ ގޮތުން ލިބޭ ގެއްލުން ތަކުގެ ތެރޭގައި އެއެއްޗެހީގެ ސަބަބުން މުޅި މުޖުތަމަޢު މިއަންނަނީ އެއްދުވަހުން އަނެއްދުވަހަށް ނުރައްކަލުގެ ތެރެއަށް ވެއްޓެމުންނެވެ. މާރާމާރީތަކާއި، ވައްކަމާއި، ފޭރުން މިއަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
 މިހެންވުމުގެ ސަބަބުން ޤައުމުގެ އިޖްތިމާއީ ފޭރާން މިދަނީ އެއްދުވަހަށްވުރެން އަނެއްދުވަހެއް ބާވެ، ކަށްވަމުންނެވެ. އަދި ހަމައެހެންމެ ރަލުގެ ސަބަބުން އެތަކެއް އާއިލާ ތަކަކަށް ލިބޭ ހީނަރުކަމާއި، ނިކަމެތި ކަމަކީ އެއަށް އަގުނުކުރެވޭވަރުގެ ކަންބޮޑުވުމާއި، ހިއްދަތި އަދި ނިކަމެތިކަމެކެވެ. މިފަދަ އެއްޗެހީގެ ސަބަބުން އެތަކެއް ޢާއިލާ ތަކެއް ވަނީ ރޫޅިގެން އަނދާ އަޅިއަށް ވެގެން ގޮސްފައެވެ. މިގޮތުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ އެފަދަ އާއިލާ ތަކުގައިވާ މައުސޫމް ތުއްތުތުއްތު ކުދީންނަށެވެ. މައިން ބަފައިންގެ އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން އެ ކުދިންނަކީ މުޖުތަމަޢުގައި ބޭކާރު ބަޔަކަށްވެ އެ ކުދިން މަގުމަތިވެދެއެވެ. ނަތިޖާއެއްގެ ގޮތުން މުޖުތަމަޢުގައި ޖަރީމާތައް އިތުރުވެގެންދެއެވެ. މަސްތުވާ ތަކެއްޗާއި ބަނގުރާ ބޭނުން ކުރާ މީހާއަށް އުޚްރަވީގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި އޭނާ މަރުވުމަށްފަހު އާޚިރަތް ދުވަހުން އޭނާ އަށް އަނދައަނދާ ހުންނަ ނަރަކައިގެ ޢަޒާބު ލިބުމާއި، ދުނިޔެ މަތީގައި ރާބުއިމުގެ ސަބަބުން އާޚިރަތް ދުވަހު ސުވަރުގޭގައިގައި ލިބޭ ފޮނި މީރު ރަލުން އިންސާނާ މަޙުރޫމް ވުން ހިމެނެއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުން

އިސްވެ ދެންނެވި ފަދައިން މާތްﷲގެ މަޚްލޫޤުންކުރެ އިންސާނާ މާތްވެ މަތިވެރިވާ ސަބަބަކީ އެހެން މަޚްލޫޤުންނާއި ޚިލާފަށް އިންސާނާއަށް ބުއްދީގެ ނިޢުމަތް ދެއްވާފައިވުމެވެ. މިގޮތުން ބުއްދީގެ ޛަރީޢާއިން އިންސާނާ ޒީނަތްތެރިކޮށްދެއްވައި، އޭނާއަށް ހެވާއިނުބައި، ފައިދާއާއި ގެއްލުން ވަކިކޮށް ޙަޔާތުގެ މަގުގައި އަލިކޮށްދޭ ވޮށެއްކަމުގައި ބުއްދި ލެއްވިއެވެ. ނިޢުމަތަށް ރައްކާރެތިވުމަކީ، އެނިޢުމަތެއްލިބުނު ފަރާތުގެ މަސްޢޫލިއްޔަތެކެވެ. މާތްﷲ މިދެއްވި ބުއްދިއާ ކުޅުމާއި، އެބުއްދީގެ ވަޒީފާއަދާ ނުކުރެވޭފަދަ ގޮތަކަށް އެސިކުނޑިއަށް ގެއްލުންދިނުމަކީ އެނިޢުމަތަށް ފުރަގަސްދިނުމެވެ. ތިމާގެ ޤައުމާއި، ތިމާގެ ޙަޔާތް ބާއްޖަވެރިވުންވަނީ ކުރިންމިދެންނެވި ބުއްދީގެ އަގުބޮޑު ޖައުހަރަށް ރައްކައުތެރިވެގެންނެވެ. މިބިމުގައި މާތްﷲ ލެއްވި އެކަލާނގެ ޚަލިފާއަކަށް އިންސާނާވީތީ މިބިން އިމާރާތްކޮށް އާރާސްތު ކުރުމުގައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމުކަމެކެވެ.
އަޅުގަނޑުމެންގެ މުސްލިމް ޒުވާނުން މަގުފުރެއްދުމަށްޓަކައި، އަމާޒުކޮށްގެން ޢަދުއްވުން ބޭނުން ކުރާ އެންމެ ނުރައްކާތެރި އެއްހަތިޔާރަކީ މަސްތުވާ އެއްޗިއްސެވެ. މިކަމަށް މަގުފަހިކުރުމުގެ ހުރިހާ ވަސީލަތްތަކެއް އެމީހުން ދަނީ ބޭނުން ކުރަމުންނެވެ. އެހެންކަމުން މިކަމަށް ހޭލައި، މިނުރައްކާތެރި ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގައި އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަން ވެއްޖެއެވެ. ދީނީ ނަޞޭޙަތް ދިނުމާއި، ނޫސް މަޖައްލާތަކުގެ ޛަރީޢާއިންނެވެ. މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެ ގެއްލުންދެނިވި މިނުބައިވަބާއިން ދަރިން ސަލާމަތް ކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންވެއެވެ.

ރަލުގެ ޙައްދުތައް

އިސްލާމީ ޖިނާޢީ ޤާނޫނަކީއިސްލާމީ  ޝަރީޢަތާ ޚިލާފު ޢަމަލަކަށް އަރައިގެންފިނަމަ އެމީހަކަށް ދޭން އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ އަަދަަބުތަކާއި، ޢަމަލުތަކަށް ކަނޑައަޅުއްވާފައިވާ ޙުކުމްތަކެވެ. މިގޮތަށް މިޙުކުމްތައް ކަނޑައެޅުމުގެ އެންމެބޮޑު އެއް ބޭނުމަކީ އިސްވެ ބަޔާންކުރެވުނު އިސްލާމީ ޝަރީޢަތުގެ މައިގަނދު ފަސް މަޤްޞަދު (ދީން، ނަފްސު، ބުއްދި، ނަސްލު އަދި މުދާ ) ޙިމާޔަތްކުރުމަށެވެ. އިސްލާމީ ޝަރީޢަތުގައި ޖަރީމާއަށް ދޭން ކަނޑައަޅުއްވާ ކުޑަބޮޑުމިނަށް ބަލާއިރު ޖަރީމާ ބެހެނީ 3 ބަޔަކަށެވެ. ރާބުއިމަކީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެކެވެ. މިގޮތުން މިބަލައިލަނީ ރާބުއިމުން ލިބޭ އުޤޫބާތާއި އެއަށް ކަނޑައެޅިފައިވާ ޙައްދުތަކުގެ މައްޗަށެވެ.
ޝައްކެއްނެތްގޮތުގައި ރާބުއިމުން އިންސާނާގެ ބުއްދިފިލާދާކަމީ ދެމީހަކު ދެބަސްވާނުވާނެ ޙަޤީޤަތެކެވެ. ރާ ބުއިމުގެ ނަތީޖާއެއްގެގޮތުން އިންސާނާގެ ވިސްނުމުގެ ބޭނުން ނުކުރެވި އިންސާނާ މިދުނިޔޭގައި ކުރިއަރައި ތަރައްޤީވުމަށް ހުރަސްއެޅެއެވެ. ހަމައެފަދައިން އާޚިރަތުގައިވެސް އެއިންސާނާ ގެއްލުމާއި ހަލާކުގެތެރެއަށް ވެއްޓިގެން ދެއެވެ. މާތްﷲގެ ތެދުމަގުން އެއްކިބާވަނީ ހެޔޮގޮތުގައި ބުއްދީގެ ބޭނުން ނުކުރުމުގެ ސަބަބުންނެވެ. އެހެންކަމުން އެމީހުން ނަރަކައިގެ އަހުލުވެރިން ކަމުގައި ވެދެއެވެ. މިކަން ކީރިތި ޤުރްއާނުގައި އަންގަވައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

 وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ

"ތިމަންމެން އަޑުއަހާކަމުގައި ވަނީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައި ވަނީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއަކު ތިމަންމެން ނުވީހެވެ."

ރާބޯމީހާގެ ޙައްދަކީ 80 އެތިފަހަރުން ހައްދުޖެހުމެވެ. މިކަމުގެ ދަލީލަކީ "އަނަސްގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. ސަލާމާއި ޞަލާވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަރިހަށް ރާބޮއެފައިވާ މީހަކު ގެނެވިއްޖެނަމަ ދެއޮށިގަޑުން ގާތްގަނޑަކަށް 40 އެތިފަހަރު ޖެއްސެވިއެވެ. ރާވީ ވިދާޅުވިއެވެ. އަބޫބަކުރުގެފާނުވެސް ކަންތައްކުރެއްވީ މިގޮތަށެވެ. ޢުމަރުގެފާނުންގެ ޚިލާފަތުގެ ދުވަސްވަރު އެކަލޭގެފާނު މީސްތަކުންނާ މަޝްވަރާކުރެއްވިއެވެ. އެހިނދު ޢަބްދުއްރަޙްމާން ބުން ޢައުފު ވިދާޅުވިއެވެ. އެންމެ ލުއި ޙައްދަކީ 80 އެތިފަހަރެވެ. ދެން ޢުމަރުގެފާނު އެގޮތަށް ޙައްދު ޖެއްސެވުމަށް އަމުރުކުރެއްވިއެވެ.

ރަލުގެ ޙައްދަކީ 40 އެތިފަހަރުތޯ ނުވަތަ 80 އެތިފަހަރުތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތު މައްސަލައެކެވެ. ހަމަ އެހެންމެ މަޛުހަބުތަކުގެ މެދުގައިވެސް ޚިޔާލުތަފާތެވެ.

ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބް:
ރަލުގެ ޙައްދަކީ 80 އެތިފަހަރެވެ. މިގޮތަށް ނިންމާފައިވަނީ މިއަށް އަސްޙާބު ބޭކަލުން އިޖްމާޢު ވެވަޑައިގެންފައިވުމުންނެވެ. މީގެ ދަލީލެއްގެ ގޮތުން މި ދެމަޛްހަބުގެ ބޭކަލުން ގެނެސްފައިވަނީ ކުރިން ރަލުގެ ޙައްދަކީ 80 އެތިފަހަރު ކަމަށް ގެނެސްފައިވާ ދަލީލެވެ. (އެއީ ޢުމަރުގެފާނު 80 އެތިފަހަރު ޖެއްސެވީ އަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.)

ޝާފީޢީ މަޛްހަބު:
މި މަޛްހަބުގެ ބޭފުޅުން ޤަބޫލުފުޅުކުރައްވަނީ ރަލުގެ ޙައްދަކީ 40 އެތިފަހަރު ކަމުގައެވެ. މިއީ އަބޫބަކުރުގެފާނު އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. ޝާފިޢީ މަޛްހަބުގެ ދަލީލަކީ އަންނަނިވި މުސްލިމްގެ ރިވާޔަތެވެ. އެރިވާޔަތުގައި ވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު (ރަލުގެ ޙައްދު) ޖެއްސެވީ 40 އެތިފަހަރުއެވެ. އަދި އަބޫބަުރުގެފާނުވެސް ޖެއްސެވީ 40 އެތިފަހަރެވެ. އަދި ޢުމަރުގެފާނު ޖެއްސެވީ 80 އެތިފަހަރެވެ. އެހުރިހައި ގޮތަކީވެސް ސުންނަތެވެ. ނަމަވެސް ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ އެދެވިގެންވާ ގޮތަކީ މިއީއެވެ.
އަލްއިމާމު އަޙުމަދުގެ މަޛްހަބު: އަލްއިމާ އަޙްމަދުގެ އަރިހުން ދެގޮތެއް ރިވާވެފައިވެއެވެ. އޭގެތެރެއިން އެއްގޮތަކީ 80 އެތިފަހަރުން ހައްދުޖެހުމެވެ.

މަސްތުވެގެން ހުރެ ކުރާ އެހެނިހެން ކުއްތަކަށްޖިނާއީ އުޤޫބާތް ދެވިދާނެތަ؟
މިކަމުގައި ހަތަރު މަޛުހަބުގެ ދެރަޢްޔެއްވެއެވެ.

 އެންމެ ރާޖިހް ރަޢުޔަކީ:

މަސްތުވެފައިވާ މީހާ މަސްތުވެގެންވާ ހާލުގައި ކުށަކަށް އަރައިގެންފިނަމަ އޭނާ މަސްތުވީ އޭނާއަށް މަޖުބޫރު ކުރުވައިގެން މީހަކު ރާ ބޯންދީގެން ކަމުގައި ވިޔަސް ނުވަތަ އޭނާ އަމިއްލަ އިޚްތިޔާރުގައި އެއީ މަސްތުވާ އެއްޗެއްކަން ނޭނގި އެ ބޭނުންކޮށްގެން ނުވަތަ ޑޮކްޓަރު ދިން ބޭހެއް ބޭނުންކޮއްގެން މަސްތުވީނަމަވެސް އެފަދަ މީހަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޖިނާއީ އުޤޫބާތް ދިނުމެއް ނެތެވެ. އެއީ އެކުށަށް އަރައިގަތްއިރު އޭނާ ހުރީ ބުއްދި ފިލާފައިކަމުން އޭނާ ބެލެވޭނީ މޮޔައެއްގެ ގޮތުގައެވެ. ހަމައެގޮތަށް ކަރުހިއްކުން ފިލުވުމައްޓަކައި މަޖުބޫރުވެގެން ރާބޮއެގެން މަސްތުވެފައިވާ ހާލު އަރައިގަންނަ ކުށަކަށްވެސް އުޤޫބާތެއްނެތެވެ.
އެއާ ޚިލާފަށް އޭނާ މަސްތުވާ އެއްޗެހި ބޭނުންކުރީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް ޢުޛުރަކާނުލައި ކަމުގައި ވާނާމަ، ނުވަތަ އެއްވެސް ކަމަކާނުލައި މަސްތުވާ ޒާތުގެ ބޭހެއް ބޭނުންކޮއްގެން މަސްތުވެފައިވާނަމަ، އެޙާލަތުގައި އޭނާ ކުރާ ކުށްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތް އޭނާއަށް ދޭންޖެހޭނެއެވެ. އެގޮތަށް އެފަދަ މީހަކަށް އަދަބު ނުދީފިނަމަ މުޖުތަމަޢު ތެރޭގައި ކުށެއް ކުރަން ބޭނުންވާ ކޮންމެ ފަހަރަކު މަސްތުވެގެން ހުރެ އެކުށެއް ކުރަން އާންމުވާނެއެވެ.

ހަތަރު މަޛުހަބުގެ ބައެއް ޢިލްމުވެރިން ދެކޭގޮތް: (ދެވަނަ ރައުޔު)

މިއީ ކޮންމެ މަޛުހަބެއްގައިވެސް ވަރަށް މަދު ޢިލްމުވެރިން ދެކޭގޮތެވެ. މަސްތުވެފައި ހުންނައިރު މަސްތުވެފައި ހުންނަ މީހާގެ ފުރިހަމަ ވިސްނުމެއް ނުހުންނާނެއެވެ. އެހެންކަމުން މަސްތުވެ ހުރެ ޖަރީމާއެއް ހިންގައިފި ނަމަ އެޖަރީމާއެއް ހިންގޭނީ އެމީހާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެހެންވީމާ އޭނާ މަސްތުވީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވިޔަސް ނުވަތަ އުޛުރަކާހުރެ މަސްތުވީ ނަމަވެސް އޭނާއަކަށް މަސްތުވެފައިވާ ޙާލު ކުރާ ކުށަށް ކަނޑައެޅިފައިވާ ޖިނާޢީ އުޤޫބާތެއް ނުލިބޭނެއެވެ. މަސްތުވެފައިވާ މީހާގެ ކިބައިން ޖިނާޢީ އުޤޫބާތް ކެނޑިގެންދިޔަސް އޭނާ ކުރާ ކުށްތަކަށް މަދަނީ ބަދަލެއް ނަގަން ޖެހޭނެކަމަށް ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

   
ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނަމަވެސް، މިޤައުމުގައިވެސް ވަނީ މަސްތުވާތަކެތީގެ ނުބައި ވަބާ ނުހަނު ކަންބޮޑުވާ ޙާލަތަކަށް ގޮސްފައެވެ. ދުވަހެއް ދުވަހަކަށް މަސްތުވާތަކެތީގެ ރެކޯޑްދަނީ އިތުރުވަމުންނެވެ. ތަހުޒީބުވެފައިވާ މިދުނިޔޭގައި ރަނގަޅުކަންތައްތަކަށް ލޯހޮޅުވުމުގެ ބަދަލުގައި ޒުވާނުންގެ ލޯތައްދަނީ ހުޅަނގުގެ ޤައުމުތަކަށް ނަޒަރު ހުއްޓެމުންނެވެ. އެމީހުންގެ ގޮތާއި، ފޮތާއި، ވައްޓަފާޅީގައި ދިވެހި ޒުވާނުން މިވަނީޖެހިފައެވެ. މާތް ވެގެންވާ އިސްލާމްދީނުގައި ކުރުން މަނާ ކުރެއްވިނަމަވެސް އަދި ޙަރާމްކުރެއްވިޔަސް ޒުވާނުންގެ ލޯތަކަށް ފެންނަމުންދާ ހުޅަނގުގެ ނާތަހުޒީބީ ޢަމަލުތަކުގެ ވަސްވާހުގައި ޖެހި، މުޖުތަމަޢުގެ ބިންގާ ކަމުގައިވާ ޒުވާނުންވަނީ ގެއްލުމާއި، ހަލާކުގެ ތެރެއަށްވެއްޓިފައެވެ. މިގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއްވަބާއެއްކަމުގައިވާ މަސްތުވާތަކެތީގެ ވަބާގެރާޅުގައިޖެހި ސަލާމަތްނުވެވި އެތަކެއް ދިވެހި ފަރުދުންވާކަމީ، ހިތާމަ ކުރަންޖެހޭ ކަމެކެވެ.

 މަސްތުވާތަކެތީގެ ކަނޑުގައި ޣަރަޤުވާ އެތަކެއް ޒުވާނުންނާއި، ހަރުމީހުންނާއި، ޅަކުދީން ވާއިރު، މިކަންތައްތައް ދިމާވަނީ ބައެއްގެ އިހުމާލުން ކަމާމެދު ޝައްކެއްނެތެވެ. މިގޮތުން މި އިހުމާލުގައި ޤައުމުގެ ވަލީޢުލްއަމްރާއި، ކޯޓުތަކާއި ދިފާޢީ ބަރުތަކާއި އާންމު ޖަމްޢިއްޔާތަކާއި، ބެލެނިވެރިންގެ އަތެއްވާކަމީ ކަށަވަރުކަމެކެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ އެމަސްތުވާތަކެތީގެ ހާލުގައިވާ ފަރުދުން ދެދުނިޔޭގައި ނާކާމިޔާބުވެނިވި، ކަނޑަށް ޣަރަޤު ވާންދޫކޮށްލަން ވީހެއްޔެވެ؟ނޫނެކެވެ. ދިވެހި ކޮންމެ ފަރުދަކުމެ އެމީހަކަށް ވެވުނު އެހީއަކާއި، މަދަދެއް އެވޭނީ މަސްތުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް ވެދިނުމީ އިސްލާމީ އަދި ޤަޢުމީ ވާޖިބެއްކަމުގައިވެއެވެ. އެއީ މިއަދު ދިވެހި ޤައުމުގައިމިވާ މަސްތުވާތަކެތީގެ ހާލަތުން މި ދިވެހި މުޖުތަމައު ސަލާމަތްކޮށް، މި ދިވެހި މުޖުތަމަޢަށް ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށްޓަކައެވެ.

މަސްތުވާތަކެތި ބޭނުންކުރުން ހުއްދަވާ ޙާލަތްތައް

އިސްލާމީ ނިޒާމުގައި މާތްﷲ ވަނީ މީސްތަކުން އުޅެންވީގޮތާއި ނޫޅެންވީގޮތް ވަރަށް ސާފުކޮށް އަންގަވާ ދެއްވާފައެވެ. ހަމައެހެންމެ މި ނިޒާމުގެ ތެރެއިން މީސްތަކުންން ބޭނުންކުރުން ހުއްދަ ތަކެއްޗާއި، ހުއްދަނޫން ޙަރާމް ތަކެތި ވެސް ވަނީ ބަޔާންކޮށް ދެއްވާފައެވެ. މަސްތުވާތަކެތި ހިމެނިގެންދަނީ އިންސާނާ ބޭނުންކުރުން މާތްﷲ ޙަރާމް ކުރައްވާފައިވާ ތަކެތީގެ ތެރެއިންނެވެ. ބަނގުރަލާއި އަދި މަސްތުވުމުގެ އެންމެހައި ބާވަތްތައް ޙަރާމްތަކެތި ކަމުގައި ވީހިނދުގައި، މިފަދަ މަސްތުވާތަކެތި އިންސާނާގެ މަސްލަހަތަށްޓަކައި ހުއްދަވާ ހާލަތްތަކެއް ވާކަން ދެނެގަތުން ހުއްޓެވެ. އެ ހާލަތްތަކަކީ:

·         މަސްތުވާތަކެތި ބޭނުން ނުކޮށްފިނަމަ، އެ މީހާ އަށް ނުވަތަ އެ މީހާގެ ޢާއިލީ މެންބަރަކަށް ނުވަތަ އެ މީހާއާއި ގުޅުން ހުރި މީހަކަށް ގެއްލުމެއްދޭނެކަމުގެ ބިރު ދައްކައިގެން އެ މީހާ އަށް މަޖްބޫރުކުރުވުން
·         ކެއުންބުއިމަށްޓަކައި ބޭނުން ކުރާނެ އެހެން އެއްޗެއް ނެތުމުގެ ސަބަބުން އެ މީހެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރުން.
ބަލިބަލިން ސަލާމަތްވުމަށްޓަކައި މަސްތުވާތަކެތި ހިމަނައިގެން ތައްޔާރުކޮށްފައިވާ ބޭސްފަދަ ތަކެތި ކޮންމެހެން ބޭނުންކުރަން ޖެހުންމިއެވެ.

No comments:

Post a Comment